NEWS & INFO TRENCH of Naifaru Club

September 18, 2011

ނައިފަރުގެ ޕްރީސްކޫލްތަކުގެ މުޥައްޒިފުންނާއި ނައިފަރު ކައުންސިލް މެމްބަރ މަޙުމޫދު ޢަބްދުލް ޙަމީދު ބައްދަލުކުރައްވާފި

Filed under: ނައިފަރު — admin @ 2:27 am

ނައިފަރުގެ ޕްރީސްކޫލްތަކުގެ މުޥައްޒިފުންނާއި ނައިފަރު ކައުންސިލް މެމްބަރ މަޙުމޫދު ޢަބްދުލް ޙަމީދު ބައްދަލުކުރައްވާފިއެވެ. ދެ ޕްރީސްކޫލްގެ މުޥައްޒިފުންނާއި ވަކިވަކީން ބައްދަލުކުރެއްވި މިބައްދަލުވުންތަކުގައި، ޕްރީސުކޫލްތަކުގެ މިހާރުގެ ޙާލަތާއި، އިތުރަށް އިސްލާހުކުރަންހުރި ކަންތައްތައް ސާފުކުރެއްވިއެވެ. އަދި ދަރިވަރުންގެ ކިޔެވުމާއި، ސުކޫލްތައް ހިންގުމުގައި ބެލެނިވެރީންގެ އެއްބާރުލެއްވުން ލިބޭ މިންވަރުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. މިބައްދަލުވުންތަކުގައި ޕްރީސްކޫލްތައް ހިންގުން ހަރުދަނާކުރުމަށްޓަކައި، ޕްރީ ސްކޫލްތައް ހިންގުން އައުޓްސޯސްކޮށްގެން ހިންގުމަށް ކައުންސިލުން މަސައްކަތްކުރަމުންދާކަމުގެ މަޢުލޫމާތު މުޥައްޒިފުންނަށް ދެއްވިއެވެ. އަދި އައުޓްސޯސްކުރާއިރު މިހާރު ތިބި މުޥައްޒިފުންނަށް އިސްކަންދިނުމަށާއި، ސުކޫލްތަކުން މިހާރު ނަގާ ފީ ބޮޑު ނުވާނޭގޮތަކަށް މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ. އަދި މާދަމާގެ މުސްތަޤްބަލްކަމަށްވާ މިއަދުގެ ކުޑަކުދީންނަށް ތަޢުލީމްދިނުމުގައި ސުކޫލްތަކުގެ ޓީޗަރުން ކޮށްދެއްވާ އިޚްލާސްތެރި މަސައްކަތައް ޝުކުރުއަދާކުރައްވާ، މުސްތަޤުބަލްގައިވެސް ޓީޗަރުން އެގޮތުގައި ދެމިތިއްބެވުމަށް އިލްތިމާސްކުރެއްވިއެވެ. މިއީ ޕްރީސްކޫލްތައް ކައުންސިލާއި ޙަވާލުވީފަހުން، ސީދާ ޕްރީސްކޫލްގެ ކަންތައްތަކުގައި ކައުންސިލަރަކު ސުކޫލްތަކުގެ މުޥައްޒިފުންނާއި ބައްދަލުކުރެއްވި ފުރަތަމަފަހަރެވެ.

December 19, 2009

ދިވެހިރާއްޖޭގެ ފޮކިރަވަ-ކޯޕަންހޭގަންގައި

Filed under: ... — admin @ 12:06 am

ދިވެހި ރާއްޖޭގެ ފޮކިރަވަ

އަޖާއިބު އަންތަރީސްވާނެ ކަމެއް ނެތެވެ. ދިވެހިރާއްޖޭގައި ރިހިދޫ، ރަންއަޑު، މިފަދަ އެތައް ލަޤަބެއް އެކި އެކި މީސްމީހުންނަށް އެކިއެކި ދުވަސްވަރު ކިޔާ ހަރުކުރެވިފައި ވެއެވެ. މިގޮތުން ނައިފަރު ކުލަބުގެ ފަރާތުން މުޙައްމަދު ނަޝީދު ކޯޕަންހޭގަން ގައި ކުރަމުންދާ ހިތްވަރު ފާހަގަ ކޮށް ނަޝީދަށް ލަޤަބެއް ދިނުމަށް ޕެނަލް އަކަށް ހުށައެޅިއެވެ. މިނިވަން ޕެނަލަކުން ހޫނު ބަހުޘަކުން ފުރަތަމަ ވޯޓަށް އެހުނީ ތިމާވެށީގެ މަންމަގެ ލަޤަބް ދިނުމަށެވެ. އެހެނަސް މައުމޫނަށް ތިމާވެށީގެ ބައްޕަގެ ލަޤަބް ލިބިފައި ވުމާއި އެކު ރީކޯ މޫސާ މިކަމާދެކޮޅު ހެދިއެވެ. ދެން ހުށައެޅުނީ ދުނިޔޭގެ ލީޑަރުގެ ލަޤަބް ދިނުމަށެވެ. ހިލަރީ ކްލިންޓަން ޑެސްކްމައްޗައް ހަނިއަރިއަށް އެރުމުން މިކަންވީ ނާކާމިޔާބެވެ. ޖަލުން އައި ރައީސްގެ ލަޤަބް ދިނުމަށް ސަގަރޭ އެއްބަހެއް ނުވިއެވެ. ކުއްލިއަކަށް މާރިއާ އަހަރެމެންގެ “ފޮކިރަވަ” އޭ ބުނުމުން ޕެނަލްގެ ފަނަރަ މީހުންގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހިން ދުށް އެންމެ ލަދުހަޔާތް ކުޑަ ފޮކިރަވައިގެ ލަޤަބް ރައީސް ނަޝީދަށް ވަނީ ލިބިފައެވެ. މިލަޤަބް މީނާއަށް ލިބުނު އިރު އެންމެ ގާތުން ވާދަ ކުރީ އަދާލަތު ޕާޓީގެ ރައީސް ޙުސައިން ރަޝީދު އަޙްމަދެވެ. އޭނާގެ ވޯޓް އޭނާށް ލުމުގެ ސަބަބުން އެއްވޯޓް މީނާ އަށް ލިބިފައި ވެއެވެ

މިލަޤަބް ނަޝީދަށް ލިބިފައިވަނީ ކޯޕަން ހޭގަންގައިވެސް ދެމީހަކު ވާހަކަ ދައްކަން ފަށާއިރަށް ދެމީހުންގެ މެދަށްވަދެ ފޮކައިގަންނާތީ ކަމަށް ޕެނަލްގެ ރިޕޯޓްގައި ބިންވަޅުނަގައި ކަނޑާ ނަގާ ލިޔެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ފޮކިރަވަ ފޮކައި ގަތުމުން ދެންތިބި މީހުން ޖަލްސާ ދޫކޮށް ތަނުން ނިކުމެގެން ދާތީ ކަމަށް ރިޕޯޓްގައި ވެއެވެ. ޓީވީ އެމުން ކިތަންމެ މަޝްހޫރު ކުރިޔަސް ފޮކިރަވައިގެ އަނގަޔާހުރެ ޗައިނާ އާއި ބޮޑެތި ޤައުމުތައް ސަމިޓްދޫކޮށް ނުދާކަމަކަށް ނުވާނެ އެވެ. ތިމާވެއްޓޭ ކިޔައި މި ފޮކިރަވަ އުޅެނީ ކުދި ޤައުމުތަކުގެ ވެރިންގެ ބޮލަށް ވަދެ ބޮޑެތި ގައުމުތައް ފެލައި ލާރި ގަނޑެއް އަތުލާށެވެ. ލާރި ބޭނުން ވިޔަސް މިއީ ބޮޑުވަރެކެވެ. ބަލަ ތި ދަނޑި ތަޅަނީ މައުމޫނުވެސް ތެޅި ތަފާލުގައެވެ. ތަފާތަކީ މައުމޫނު އަންނަނީ ދޮވެގެން ޝަރަފާ އެކުއެވެ. އެހެނަސް ފޮކިރަވަ ތިއަންނަނީ ވަސްވެސް ނުކަނޑުވައެވެ. ދިވެހިންނަށް ހުތުރު އަރުވަން ނޫޅެ ނުފޮކައި ގަންޖާ ބޯން ގަނޑުވަރަށް ވަޑައިގަންނަވާށެވެ. ނުބައި ބަޔަކު އަނގަމައްޗަށް ތަފާލެއް ޖަހައި ދަތްކޮޅު ދުއްވައި ނުލަނީސް ސޮނި ނުބާލާ ވަޑައިގަންނަވާށެވެ

November 13, 2009

ގޮރުން ގޮރު ދޮވުން

Filed under: ... — admin @ 1:43 pm

ގޮރުން ގޮރު ދޮވުން-އެމްޑީޕީ ސަރުކާރުގެ އެއް އަޞްލު

ޓީވީ މޯލްޑިވްސް އަށް ޓިޔުން ކޮށްލީމެވެ. އެމް އޯޔޫ އެއްގައި ސޮއިކުރާ މަންޒަރު ފެނުނެވެ. އެއްފަރާތުން ސޮއިކުރަނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ. އަނެއްފަރާތުން ބިދޭސީ ޤައުމެއްގެ އަމިއްލަ ވިޔަފާރި ކުންފުންޏަކުންނެވެ. މިއީ ފުރިހަމަ ޑިމޮކްރަސީގެ ރަހަ ކަރުތެރެއިން ހިނގާ ތަން ލޮލަށް ފެންނަމުން ދަނީ ކަމުގައި އިޙްސާސް ކުރެވުނެވެ

ދެންޓިޔުން ކޮށްލީ އަތުގައި އޮތް ޕޮކެޓް ރޭޑިޔޯ އެވެ. ޚަބަރު ގަޑި ވެސް ތޯއްޗެކެވެ. ފަތިފައްޗަށް އަމުނާލަމުން ގެންދަނީ އަލަށް އުފެދުނު ޔުޓިލިޓީސް ކުންފުނި ތަކުގެ ނަންތަކެވެ. މިލިސްޓްގައި ރަށުގެ އިންޖީނުގޭގެ ނަންވެސް ހިމެނިގެންދިޔައެވެ. ވީއުފަލަކުން ޔުޓިލިޓީސް ކުންފުނީގެ ސިފަ ދެކިލުމަށް އިންޖީނުގެއާއި ވީ ކޮޅަށް މިސްރާބް ޖެހީމެވެ. ކިތަށް ދުންހޮޅި އިތުރު ވެފަ ހުރިތޯ ބަލާށެވެ

ހަމަގައިމުވެސް ފެންނަފެނުމަށް ބޭރު ފާރުތަކުގައި ތަފާތެއްނެތެވެ. ނޫނެކެވެ. ނަންބޯޑް ބަދަލުވެއްޖެ އެވެ. ހިތާހިތާ ކިޔާލި އެވެ. ނަންބޯޑް ބަދަލް ވުމަކީ މޫނުމަތި ބަދަލުވުމެވެ. މޫނުމަތި ބަދަލު ވުމަކީ ދެންހުރި ކަންތައްތައްވެސް ބަދަލު ވުމެވެ. ކަރަންޓް ބިލް ދައްކަން ޖެހިފައި ވުމާއި އެކު އެތެރެއަށް ވަނީ މެވެ. ތަފާތެއް ނެތެވެ. ހަމަ އެ ސިސްޓަމެވެ. ހަމަ އެސްޕީޑެވެ. ތަނުގެ ސްޓާފުންވެސް ބުނާ ކަހަލަ އެވެ. މުސާރައިގެ އިތުރުން އެކައްޗެއްވެސް ނުލިބެއެވެ

މިއީ ހަޤީޤަތެވެ. ބަދަލު ކޮށްލަނީ ނަންބޯޑެވެ. ދެގާފޮތިވެސް 12 މަސް ދުވަސް ވެގެން ދިޔަ އިރު ޖައްސާލެވިފައި ނެތެވެ. މަޝްހޫރު ނައިފަރު ދޮހޮއްކޮގެ ބަހެއް ހަނދާނަށް އައެވެ. މިފަދަ ކަންކަމާ ގުޅޭބަހެކެވެ. ނޭގި ނަމަވެސް ތިޔަ ދޮވެވެނީ ގޮރުން ގޮރެވެ. ދެން އޮތީ އެމް އޯ ޔޫގެ ވާހަކަ އެވެ. ދާދި ފަހުން ހިގި ކަމެކެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖްލިހަށް އިންތިޚާބް ކުރެވުނު މެމްބަރުގެ ކެމްޕެއިން ދުވަސްވަރު އެސަރަޙައްދުގައި ސޮއިކުރެވުނު އެމް.އޯޔޫ އެކެވެ. ހަމަކަށަވަރުން ސޮއިކުރީ ފަރަންޖީ ދޮންމީހެކެވެ. މަހެއްހާދުވަހުގެ ތެރޭ އެއަރޕޯޓްގެ މަސައްކަތް ފެށުމަށެވެ. ހަތަރުމަސް ހަމަސްވެގެން ދިޔައިރު އެ ނަމުގައި ކުންފުންޏެއްވެސް ރަޖިސްޓަރީ ވެފައި އޮތްކަމަކަށް ނުވެއެވެ. ފަހުން އެނގުނުގޮތުގައި އެމް.އޯޔޫ ގައި ސޮއިކުރީ ރާއްޖެ އައިސް ހުރި ފަތުރުވެރި އެކެވެ. ޙާލަކީ މިއެވެ. އާދޭހެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެ އެވެ. ކަނު ދަރިއެއް ވިޔަސް ދަރި ވާނީ ދަރި އަށެވެ. މަދަޙަ ޘަނާ ކިޔަމުން ވަޖިދު ވަމުން ގެންދާށެވެ. އެހެނަސް އަލިރަސްގެފާނެކޭ އަނދިރި ރަސްގެފާނެކޭ ހަމަހަމަ ނުވާނެ ކަމަށް ދެކޭ ބަޔަކު ތިބޭދާނެ ތާއެވެ. އެގޮތުން ފާޅުކުރެވޭ ޝުޢޫރުތަކެވެ. މަޢާފް ކުރައްވާށެވެ

November 12, 2009

ބޭނުމީ ހުސް ވާހަކަ ތަކެއް ނޫނެވެ. ބޭނުމީ ނަތީޖާ އެވެ

Filed under: ... — admin @ 12:32 am

ބޭނުމީ ހުސް ވާހަކަ ތަކެއް ނޫނެވެ. ބޭނުމީ ނަތީޖާ އެވެ

އާދޭހެވެ! ދިޓީވީގެ ޕްރޮގްރާމެއްގައި ދިވެހި ރައްޔިތެއް ފާޅުކުރި ޝުޢޫރެކެވެ

އަރާ ކޮންމެ ރަށަކު ޕޯޑިޔަމެއް ބަހައްޓާ، މޫނުމަތިން އޮއްދާ ހިއްލުވާލާ، ކަރުން ނޫނާރު ނަގާ، ދެމިޔަކަނިން ސޮނި ބާލާ، ކޮއްޓަކަށް ލާފަ އޮތް ބަކަށްޓެއްހެން ތިޔާ ފެލި އަރުވަނީ ކީއްކުރަން ހެއްޔެވެ؟

މިހިސާބުން ޕްރެޒެންޓަރ ފޯނު ކަނޑައި ލިއެވެ. ޝައްކެއް ނެތެވެ. މިއީ ޤައުމުގެ ރައީސަކަށް ނިސްބަތްވާ ގޮތުގެ މަތިން މުޚާތަބު ކުރެވެންވީ ގޮތެއްނޫނެވެ

މިއީ ފާޅުކޮށް އެނގެން ހުންނަ ކަންތަކެވެ. އަލަށް އިންތިޚާބް ކުރެވުނު އެމް.ޑީ.ޕީ ސަރުކާރު ވެރިކަމަށް އައީ ބޮޑު ފަސް ވަޢުދާއި އެކު އެވެ. މިފަސްވަޢުދު ޙާޞިލް ކުރުމަށްޓަކައި މަސައްކަތްތަކެއް ނުކުރެވެޔޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް ރިޔާސީ އިންތިޚާބް ކެމްޕެއިން ދުވަސްވަރު އެމް.ޑީ.ޕީ އިން ސިފަކުރަމުން ގެންދިޔަ

ގުލްޒާރުގާ ނަޔާ މަގޭ ނޫރާނީމާ ފޮޅޭނެޔޭ

ބުލްބުލްތަކާ ކޮކާ ތަކާ ފަރިވާ އިރުން އުޅޭނެޔޭ

މިފަދަ ސިފަކުރުންތައް، ނޫރާނީ މާ (ދުނިޔޭ ގައި ނުހުންނަ ޚިޔާލީ މަލެއް) ފަދަ ޚިޔާލީ ފޮލާ ތަކަށް ، މިފަދަ ވަޢުދު ތައް ވެގެން ދިއުމީރައްޔިތުން މި ވެރިކަމުގެ މަތިން ފޫހިވެދިޔަ އެންމެ މުހިއްމު އެއްސަބަބެވެ. ކަރަންޓާއި، ތަކެތީގެ އަގު މަތިކުރެއްވުމާއި، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރުމުގެ ސަބަބުން ވަކި ޕާޓީ އެއް ތަފާތު ނުވާ ގޮތުގެ މަތިން ޢާންމު ރައްޔިތުންގެ ނުރުހުން ވަނީ އެމް.ޑީ.ޕީ ސަރުކާރަށް އަމާޒު ވެފައެވެ

ސިވިލް ސާވިސްގެ ބޭކާރު މުވައްޒިފުން ތިބިކަން އެއީ ޙަޤީޤަތެކެވެ. ނަމަވެސް އެމީހުންގެ ވަޒީފާ އުނިކުރުމުން މުޖުތަމަޢަށް ވަނީ ކިހާ ވަރެއްގެ ގެއްލުމެއްތޯ، ކިތައްގޭބިސީބިކަ ބެގެން ދާނެތޯ، ސަރުކާރުގެ ބަޖެޓަށް މިކަމުން ވަންނަނީ ކިހާ ވަރެއްގެ އާމްދަނީ އެއްތޯ، އެމް.ޑީ.ޕީ ސަރުކާރުގެ މަޤްބޫލް ކަމަށް ކިހާ ވަރެއްގެ އަސަރެއް ކުރޭތޯ މިއީ ޕާޓި ސިސްޓަމުގައިބަލައި ދިރާސާ ކުރަންޖެހޭ ކަންކަމެވެ

މަހުގެ އަގު ދަށް ކުރުމާއި ތެލުގެ އަގު ބޮޑުވުން ދޭހަ ކޮށްދެނީ ރައްޔިތުން ނަށް އާމްދަނީ ލިބެމުން ދިޔަ ދޮރު ތައް ބަންދުވެ، ތަކެއެޗާއި ޚިދުމަތުގެ އަގު ބޮޑުވެގެން ދިއުމެވެ. ކުރީގެ ޙާލަތަށް ވުރެ ދަށު ބިކަ ޙާލެއް ޢަންމު ރައްޔިތުންނަށް ތަހައްމަލް ކުރަންޖެހުމެވެ. ނަތީޖާ އަކަށްވީ ކެތްތެރިކަން ކޮޅުންލާ ދުލުން މިފަދަ ޝުޢޫރުތައް ފާޅުވެގެން ދިޔުމެވެ

November 10, 2009

ރައީސް ނަޝީދުގެ ފުރަމާނަ ނައިފަރު ދަތުރު ކެންސަލް ވެއްޖެ

Filed under: ... — admin @ 1:10 pm

ރައީސް ނަޝީދުގެ ފުރަމާނަ ނައިފަރު ދަތުރު ކެންސަލް ވެއްޖެ

ރައީސް ނަޝީދުގެނޮވެމްބަރ 11 އަދި 12 ގައި ނައިފަރަށް ކުރުމަށް ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅު ކެންސަލް ވެއްޖެ ކަމަށް ވަރަށް މުޢުތަބަރު ގޮތެއްގައި ނައިފަރު ކްލަބަށް މަޢުލޫމާތު ލިބިއްޖެ އެވެ. ލަފާ ކުރެވޭ ގޮތުގައި މިދަތުރު ކެންސަލްވީ މޫސުމް ގޯސްވުމާއި އިރުވަރު ގޯސްވުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ނައިފަރު ކުލަބުން ކުރި މަސައްކަތުން އަދި މިހާތަނަށް ރަސްމީ ފަރާތެއްގެ ބަހެއް ވަނީ ނުލިބި ފައެވެ

ނަމަވެސފެންނަ މަންޒަރު ތަކަށް ބަލާއިރު މިދަތުރުގެ ފޯރި ދަނީ އިތުރަށް ގަދަ ވަމުންނެވެ. މިދަތުރަށް ތައްޔާރު ވުމުގެ ގޮތުން ކުޑަ ޚަރަދަކުން ބައިނަލް އަޤްވާމީ ފެންވަރުގެ ސްޓޭޖެއް އެޅުމުގެ އިތުރުން ރައްޔިތުންގެ އެކައުންޓްގައި ފާއިތުވި އަހަރުތަކުގައި ޖަމާ ކުރެވިފައި ހުރި ފައިސާ އިން ހަތަރު ލައްކަ ރުފިޔާ ޚަރަދުކޮށް މަގުތައް ރަހަކޮށް ތަންވަސްކޮށް، ވިނަވެސް ނޮޅާ ސާފުކޮށް ތަރި ބުރު ތަޅާލައި ބޮޑު ފާރު މަތި ފަދަ ރީނދޫ ފާރެއްގައި ވަނީ ރީނދޫ ތަށި މުށި ޖަހާފައެވެ. ނުވިތާކަށް ބަޑިބޭހުގެ ކުޅިވަރު ތަކާއި ނެށުމުގެ ޙަރަކާތް ތަކާއި ބޮޑު ބޭން ވެސް ޖެހުމަށް ހަމަޖެހިފައި ވެއެވެ

މީގެ އިތުރުން ހިންނަވަރުގައި ބޮޑު ކޭމެއް ކައްކާ ލަގިރި ޖެހުމާއި ތާރަ ޖެހުމުގެ ލުއި މުނިއަވަސް ފިލުވުމުގެ ޙަރަކާތް ތައް ރޭވިފައި ވެއެވެ

ނައިފަރުގައި ނޮދަން ކޮމާންޑް ހުޅުވޭ އިހްތިފާލް ބޭއްވުނު ކަމުގައި ވިޔަސް ނޮދަން ކޮމާންޑް ޅ.އަތޮޅުގައި ޤާއިމް ވުމަށް ހަމަޖެހިފައެއް ނުވެއެވެ

Newer Posts »

Powered by WordPress